ޚަބަރު
އެމްޑީޕީއާއި ދެކޮޅަށް މައްސަލަ ހުށަހަޅަނީ

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކުރަމުންދާ އެންޓި ކެމްޕެއިން ހަރަކާތްތަކާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފި އެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި އެމްޑީޕީން ވަނީ އޭރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ނުހައްގުން ހައްޔަރުކުރުމާއި ޕީޕީއެމްއިން ހިންގި އިހުތިޖާޖުތަކުގައި އެޕާޓީގެ މެންބަރުންނާއި ނޫސްވެރިންގެ ލޮލަށް ޕެޕާ ސްޕްރޭ ބުރުވުމާއި ފުލުހުންގެ ފަރާތުން އެހެނިހެން އަނިޔާތައްވެސް ކުރިމަތިކުރުވި ކަން ފާހަގަކުރައްވާފަ އެވެ. އެއާއެކު، ހީނާ ވަނީ ނިމިދިޔަ ސަރުކާރުގައި ބައެއް ފުލުހުން މުޒާހަރާތަކުގައި އަންހެން ކަނބަލުންނާއި ދޭތެރޭ ހިންގި ކަމަށް ބުނާ ބައެއް އަނިޔާވެރި އަމަލުތަކުގެ ވީޑިއޯތައް ވެސް ބައްދަލުވުމުގައި ދައްކަވާފަ އެވެ. މި ހުރިހާ އަމަލުތައް ހިންގާފައިވަނީ ސީދާ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އޯޑަރަށް ކަމަށްވެސް ހީނާ ތުހުމަތު ކުރައްވާފައި ވެއެވެ.

ހީނާ ވިދާޅުވީ މިހުރިހާ މައްސަލަތަކަށް ކަމާ ބެހޭ އިދާރާތަކުން އޭރުގައި އެދެވޭ އިންސާފެއް ނުލިބުނަސް، މިހާރު އެމްޑީޕީން ޕީއެންސީގެ ކެންޑިޑޭޓުންނާއި ބެހޭގޮތުން ދޮގު ފެތުރުމަށް ކުރި މަސައްކަތާއި ބެހޭގޮތުން މައްސަލަ ޖައްސާނެ ކަމަށެވެ. ހީނާ ވަނީ އެމްޑީޕީން ވަކި ބަޔަކަށް ފައިސާ ދީގެން މީސް މީޑިއާގައި ޕީއެންސީއާއި ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެހެންކަމުން އިދިކޮޅު އެމްޑީޕީ، ޕީއެންއެފް އަދި ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް-ޕީއެންސީން ދަނީ އެޕާޓީތަކުގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ހިންގަމުން ނެެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top