އެމްޕީއެލް، މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ޖަޒީރާ

ބޭރުގެ ފައިސާގެ ދަތިކަން ހުރިނަމަވެސް ރާއްޖޭގެ އިގްތިސާދަށް މިއަހަރު ހެޔޮ ބަދަލު އަންނާނެ ކަމަށް ލަފާކޮށް ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން “ބީ ނެގެޓިވް” ދަރަޖައިގައި ދަމަހައްޓައިފިއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ނުވަތަ ދަރަނި ދެއްކުމުގެ ގާބިލުކަން މިދިޔަ އަހަރުވެސް ހުރި މިންގަނޑުގައި ދަމަހައްޓާފައިވާއިރު އެ މިންގަނޑުން ރާއްޖެ ފުރަތަމަ ދަރަޖަ ކުރީ 2021 ވަނަ އަހަރެވެ.

ފިޗުން ވަނީ ރާއްޖޭގެ އިގްތިސާދީ މުސްތަގްބަލު ލަފާކުރާގޮތްވެސް ކުރިއެކޭ އެއްގޮތށް “ނެގެޓިވް” ގައި ދަމަހައްޓާފައެވެ.

ރޭޓިންއަށް ބަދަލު ގެނެސްފައިނުވަނީ ރާއްޖޭގެ ދަރަނި އިތުރުވުމާއި ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ލިބުމުގައި ހުރި ހިރާސްތަކުގެ ސަބުންނެވެ.

އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ރިޒާވަށް ކުރާ އަސަރުތަކުގެ ހާލަތު އިތުރަށް ގޯސްވެ ޑޮލަރުގެ އަގު ކޮންޓްރޯލްކޮށްފައި އޮތް އޮތުން ދަމަހައްޓަން އުނދަގޫވާނެ ކަމަށް ފިޗުން ބުނެއެވެ.

ބޭރު ފައިސާގެ ރިޒާވަށް ހުރި ގޮންޖެހުންތަކަށް ބަދަލެއް ނާންނަކަމަށާއި އަދި މިހާރު ލަފާކުރެވޭ ގޮތުގައި ބޭރު ފައިސާ ހުރީ މަހެއްހާ ދުވަހުގެ ހަރަދުތައް ފޫބެއްދޭ ވަރަށް ކަމަށް ފިވުން ބުނެއެވެ. މިއީ އާންމުކޮށް ހުންނަން ޖެހޭ 3.5 މަހަށްވުރެ މާ މަދު އަދަދެކެވެ.

އަދި ކުރިޔަށް އޮތް ތިން އަހަރު އަދާކުރަން ޖެހޭ ދަރަނި އިތުރުވެ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ޑޮލަރުން ހުރި ފައިސާ މަދު ކަމަށްވެސް ފިޗުން ފާހަގަ ކުރެއެވެ.

އަދި ތަކެތީގެ އަގުބޮޑުވަމުންދާ ދަނޑިވަޅެއްގައި އިމްޕޯޓަށް ކުރަންޖެހޭ ހޭދަ އިތުރުވުމުގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެފައިވާ ކަމަށް ފިޗުން ފާހަގަކުރެއެވެ.

މީގެ އިތުރުން އުމްރާނީ ތަރައްޤީގެ މަޝްރުއޫތަކަށް ހަރަދުކުރުން އިތުރުވުމާއި ސަބްސިޑީއަށް ގެންނަން ބުނި ބަދަލުތައް ތަންފީޒު ނުކުރެވުމާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުން ލަސްވެފައިވާކަމަށް ފިޗުން ފާހަގަ ކޮށްފައިވެއެވެ.

ހަރަދުތައް ކުޑަ ނުކުރުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައިވެސް ގައުމީ އުފެއްދުންތެރިކަން ދަށަށްދާނެ ކަމަށް ފިޗުން ފާހަގަކުރެއެވެ.

މި މައްސަލަތައް ހުރިނަމަވެސް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިއަހަރު 7.2 އިންސައްތައަށް ކުރިއަރާނެ ކަމަށާއި، ކުރިޔަށް އޮތް ދެއަހަރުވެސް އެވްރެޖްކޮށް 6.6 ޕަސެންޓްގައި އިގްތިސާދު ކުރިއަރާނެ ކަމަށް ފިޗުން ލަފާކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *