ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ގޮވާލާ ގޮވާލުން ތަކުރާރުކޮށްފިއެވެ.

ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްތީނުގެ އަޚުންނާ އުޚުތުންނާ ދެކޮޅަށް ޞަޙްޔޫނީ ބާރުތަކުން ހިންގަމުންގެންދާ އަނިޔާވެރި ޢުދުވާނުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށާއި މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ގަދަކީރިތިވަންތަ اللهގެ ކިބަފުޅަށް ދުޢާކުރުންމަތީ ދެމިތިބުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

އަދާލަތުން ބުނީ އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލަޔަކަށްވާތީ، ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދާފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ އެ ޕާޓީން ދެކޭގޮތުގައި މުސްތަޙީލުކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ބުނެފައެިވެއެވެ.

އެހެންކަމުން، ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށް، ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނު ރައްޔިތުންނަށް މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް ދިނުމަކީ، މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލަޙަށްޓަކައި، ޢަރަބި-އިސްލާމީ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ބާރުތަކާއި އަދި މުޅި ބައިނަލްއްޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް އަދާލަތުން ބުނެއެވެ. އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *