އަމާޒަކީ ކުރިއަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީސް އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ނިޒާމީ ވޯޓާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާފަހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ޤައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި އެމަނިކުފާނު ތާޢީދުވެސް ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެންނެވުމަށްޓަކައި އެމަނިކުފާނަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ އެހީތެރިކަމާއެކު އެއްބާރުން ޕާޓީގެ މަސައްކަތްތަކަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކާމިޔާޞީ އާއި ނާކާމިޔާބީ އުފަންވެފައި ވަނީ އެކުގައި ކަމަށެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް ކާމިޔާބީ ނުވަތަ ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ އައު ކަމެއް ނޫންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޑިމޮކްރަސީ އެއްގައި ވެރިކަމުގައި ތިބެ މަސައްކަތް ކުރުމާއި، އިދިކޮޅުގައި ތިބެ މަސައްކަތް ކުރުމަކީ ވެރިކަމުގެތެރޭގައި އޮންނަ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޒިންމާދާރު ކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރެއްވާނެ ގޮތުގެ މައްޗަށެވެ.