މި ރާއްޖެ އަށް އެންމެ ރަނގަޅީވެސް އަދި ތާޢީދުކުރައްވަނީވެސް ރިޔާސީ ނިޒާމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ނިކުތްގޮތާއި އޭގެ ސަބަބުތަކުގެ ތަފްސީލަށް މިވަގުތު ދިޔުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިނުލައްވާ ކަމަށެވެ. އެމްޑީޕީގެ އަމާޒަކަށް ހަދަންވީ އަނެއްކާވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރުވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންނައްޓަކައި އިދިކޮޅުގައި ތިއްބަވާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ތެދުވެރިކަމާއެކު ކުރިއަށް ގެންދެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އެކަމަށް އައު ޕާޓީއެއް ނޫންކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ބައެއްފަހަރު މާ ރަނގަޅު މަސައްކަތްތައް ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަހަރުވެސް އެ މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެން ޕާޓީތަކާއި ޚިލާފަށް އިންތިޚާބުން ނާކާމިޔާބުވުމުން މަޑުން ނުތިއްބަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 2018 ވަނަ އަހަރު ފެނިގެންދިޔަ މަންޒަރާ ޚިލާފަށް އެމްޑީޕީން މިއަދު ނިކުމެ މިތިއްބެވީ އިންތިޚާބަށްފަހު ޖެހިގެން އައި ދުވަހު މަސައްކަތް ފައްޓަވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
2018 ވަނަ އަހަރު އިންތިޚާބު ނިމުމަށްފަހު ސަރުކާރު ޒިންމާދާރު ކުރުވަން އޭރު އިދިކޮޅުގައި އޮތް ޕާޓީން މަސައްކަތް ފަށައިގަތީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
2012ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމާއެކުވެސް ޖެހިގެން އައި ދުވަހު ނިކުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދޮ ކުރިއަށްވުރެ ބާރަށް ނިކުމެ ކުރެއްވި މަސައްކަތުން 2018 ވަނަ އަހަރު ވެރިކަމަށް އާދެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
މިފަހަރުވެސް ރޫހު ހުރީ ހަމަ އެގޮތަށް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޕާޓީގެ ހިންގުންތެރިންނަށާއި މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދައްނަވާލަން ބޭނުންވަނީ އެ ޕާޓީން އިދިކޮޅުގައި އޮތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ އެހީތެރިކަން ބަރާބަރަށް ލިބެމުންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މާގިނަ ދުވަހެއް ނުވެ މި ސަރުކާރުން ކޮށްދެއްވި ކަންތައްތައް ރައްޔިތުން ބަލައިގަނެ އެ ކަންތައްތަކުގެ ވާހަކަ ދައްކަންފަށާނެ ކަމަށެވެ. މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް މި ވޭތުވި ފަސް އަހަރު ދުވަހު ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އިންތިޚާބުގައި ނާކާމިޔާބުވެގެން ދިޔައީ، ވަރަށް ގިނަ ދޮގުތަކަކާއި، އޮޅުވާލުންތަކެއް ބަޔަކު ފަތުރަމުން ދިއުމުގެ ސަބަބުން ކަމަށެވެ. އެ ކަންކަން ހާމަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.