ޒިންމާދާރުކަމާއެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަންޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ލިބިލެއްވި ކާމިޔާބީ ފަހަގަކުރެއްވުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ ޚިދުމަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ހަމަހަމަކާ އެކު، ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނުގެ އިދިކޮޅު މައި ޕާޓީއަކަށް ވާނީ އެމްޑީޕީ ކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ޑިމޮކްރަސީ ކަމަށާއި، ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން އެމަނިކުފާނަށް މަރުޚަބާ ކިޔުއްވާ ދެއްކެވި ނަމޫނާ އަށް އެމްޑީޕީ އަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި އެދެނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ޑިމޮކްރަސީއެއްގައި ސަރުކާރު ރަނގަޅަށް ހިންގުމަށް ޒިންމާދާރު އިދިކޮޅެއް އޮންނަން ބޭނުންވާ ކަމަށެވެ.
ނަމަވެސް ޤައުމަށް މުހިންމު ކަންކަމުގައި ޒިންމާދާރު އިދިކޮޅު ޕާޓީއަކުން ސަރުކާރާއި އެއްގަލަކަށް އަރާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކޮށްދެއްވުމަށް އެމަނިކުފާނުވަނީ އެދިލައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޙާބުގައި ރާއްޖޭގެ ރައްޔިތުން އިސްކުރެއްވީ މަސްލަހަތުކަމަށާއި، ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި އަބަދުވެސް އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި ޤައުމަށް ހަމަޖެހުން ގެނެސްދޭއްވާ އިންސާފުވެރި، އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.