ރާއްޖޭގެ ރިއަލް ޖީޑީޕީ މި އަހަރު 6.5 އިންސައްތަ ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ނަމަވެސް ކުރިއަށް އޮތް ދެ އަހަރު އެ އަދަދު ދައްވާނެ ކަމަށް ވޯލްޑް ބޭންކުންވަނީ ބުނެފައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު, މަޖިލީހަށް ހުށަހެޅުއްވިއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގުތިސާދު 7.6 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދީ ދުވެއްޔަށްވުރެވެސް ހަލުވި މިނެއްގައި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ ކަމަށެވެ.
ގައުމުތަކުގެ އިގުތިސޯދީ ހާލަތު ބަޔާންކޮށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓް މިއަދު ނެރެފައިވާއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދީ ތަސައްވަރު ރަނގަޅެވެ.
މި އަޕްޑޭޓުގައި ރާއްޖޭގެ އިގުތިސާދު މިއަހަރު 6.5 އިންސައްތަ ކުރިއަރާނެ ކަމަށް ބުނެފައިވީ ނަމަވެސް 2024 އިން 2025 އަށް އެވްރެޖްކޮށް އިގުތިސާދު ކުރިއަރާނެ ކަމަށް ބުނެފައިވަނީ 5.4 އިންސައްތައެވެ.
ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އޭގެތެރޭގައި ތަކެތީގެ އަގު ބޮޑުވުމާއި ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުންކަން ވަނީ ފާހަގަކޮށްފައެވެ.
މި ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމު ކަމަށް ވަނީ ރިޕޯޓުގައި ބުނެފައެވެ.
ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ ޖުމުލަ ދަރަނި ޑީޖީޕީގެ ނިސްބަތުން 115 އިންސައްތައަށްވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މިއީ ނިސްބަތުން 1.4 އިންސައްތަ އިތުރުވުމެއް ކަމަށާއި، މި ނިސްބަތް 2025 ވަނަ އަހަރު 116 އިންސައްތަ އަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އާސަންދަ ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް, ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަނގަޅަށް އެކަށައެޅުމާއި، ރަނގަޅަށް އިންތިޒާމުކޮށްގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓުތައް ކުރުމަށް ވަރުގަފަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރުން ފަދަ އިސްލާހީ ފިޔަވަޅުތަކެއް ރާއްޖެއިން އެޅުން މުހިންމު ކަމަށް އެ ރިޕޯޓުގައި ވަނީ ބެނެފައެވެ.
މީގެ އިތުރުން އާމްދަނީ އާއި ޓެކްސް ފުޅާކުމަށް އާމްދަނީ ލިބެންހުރު ވަސީލަތްތަކުގެ ބޭނުން ހިފުމާއި ނުރައްސަމީ އިގްތިސާދީ ޚަރަކާތްތައް މަދުކުރުމަށް ވޯލްޑް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.