އެމްޑީޕީގެ އިސްލީޑަރު ރައީސް ސޯލިހު، ޗެއަރޕާސަން ފައްޔާޒް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށް އެމްޑީޕީ އިން ބުނެފައި ވާކަމަށް މިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާޏެއްގައި ބުނީ ދަ ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށެވެ.

އެހެން ކަމުން އެ ހުށަހެޅުން އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ޑިމޮކްރެޓްސްއަށް ވާނީ އަންގާފައި ކަމަށެވެ. އަދި މީގެ އިތުރުން އެއްވެސް ކަމަކަށް އެމްޑީޕީ އާއި ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެ ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އީސީ އަށް ވަނީ އަންގާފައެވެ.

ނަމަވެސް އީސީ އިން ވަނީ ނިޒާމީ ވޯޓާ މެދު އާންމުން ހޭލުންތެރި ކުރުވުމަށާއި، ވޯޓުގައި ބައިވެރިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި، ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ތަކުގެ އިތުރުން ވޯޓާ ގުޅުން ހުރި އެހެނިހެން ކަންކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި، އެކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތަށް ބަލައި، ވޯޓުލުން ބޭއްވޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ބުނެ، މަޖިލީހުން އެދުނު ތާރީހުގައި އެކަން ވާން ނެތްކަން މަޖިލީހަށް އަންގާފައެވެ.

މީގެ އިތުރުން އީސީގެ ނިންމުމަށް މަޖިލީހުގެ ގިން މެންބަރުން ވަނީ ތާޢީދުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް އިދާރާ

އެމްޑީޕީން މިފަދަ އެއްބަސްވުމެއް ހަދާފައިނުވާ ކަމަށް ބުނެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވެސް ވަނީ އެމަނިކުފާނު ތާޢީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.

ނިޒާމީ ވޯޓާއި ގުޅިގެން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް އިމާދުއްދީން ސްކޫލް ހޯލުގައި މިރޭ 08:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *