އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން

ސަރުކާރު އޮފީސްތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ދުވަސްކޮޅު މުޅިން އައު ޕްރޮޖެކްޓްތައް ނުފެށުމަށާއި، ހަރަދުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތްތަކަށް އަމަލު  ނުކުރުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާއި އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކައްތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ކުރަން ޖެހޭ ހަރަދުތައް ފިޔަވާ އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް އޭސީސީ އިން ވަނީ ގޮވާލާފައެވެ. ކުރިން ބަޖެޓް ކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރުމަށްވެސް އެ އިދާރާއި ވަނީ ގޮވާލާފައެވެ.

އަދި ނިންމާ ނިމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ އަމަލަކަށް، މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެ ދަފަ ނިންމުންތައް ނުނިންމުމަށްވެސް އޭސީސީން އެދެއެވެ. އަދި ލިޔެ ކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ފައިސާއާއި، ވިޔަފާރިއާއި މުއާމަލާތްތަކާއި ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައިނުލުމަށް އަދި އިސްވެ ދެންނެވުނު ހުރިހާ ކަންކަމަށް، އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގުައި ތިއްބެވި ފަރާތްތަކުން ސަމާލުކަންދެއްވުމަށް އޭސީސީ ވަނީ ގޮވާލާފައެވެ.

އަދި  މި ދަނޑިވަޅުގައި އެފަދަ އެއްވެސް އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މައުލޫމާތު ކޮމިޝަނާއި ހިއްސާ ކުރުމަށް އޭސީސީއިން އެދެއެވެ. އޭސީސީ އިން ބުނީ އެދަފަ ކަންކަމަށް ފާރަވެރިވެ ތަހްޤީގުކުރަންޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުންދާ ކަމަށާއި، ކޮމިޝަނުން އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *