އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފޮޓޯ: ވަން އޮންލައިން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބާރުތައް ބަދަލުކުރުމުގެ ކަންތައްތައް ކުރުމަށް، ގާނޫނީ ގޮތުން އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީގެ ޗެއާމަނަކީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ގާނޫނުގައިވާ ގޮތުން، ޓްރާންސިޝަނަލް ކޮމިޓީގެ އޮފީސް އުފައްދަން ޖެހެނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ފަހުއެވެ. ޓްރާންސިޝަނަލް ގާނޫނުގައިވާ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ގޮތަށް، ސިވިލް ސާވިސް ކޮމިޝަނުންނެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކުރި ނަމަވެސް، ކަމާބެހޭ އެހެން ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭނެ ކަަމަށާއި މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށް އަބްރަހީމް ވަނީ ވިދާޅުވެފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަނަލްއަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންގެ އިތުރުން، އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކެވެ.

އަދި މީގެ އިތުރުން އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރެއެވެ. ނަމަވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާއާއި ބެހޭ ގާނޫނުގައިވާ ގޮތުން އެކަންކަމަށް އެންމެ ގިނަވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު ރައީސް އޮފީހުގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެކަމަށްޓަކައި ރައީސް ސޯލިހް ވަނީ ކޮމިޓީއެއްވެސް އުފައްދަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *