ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ގެނައުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ތާއިދު ކުރެއްވިޔަސް، ތާއިދު ނުކުރައްވާނެ ކަމަށް އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް ވަހީދު މިހެން ވިދާޅުވީ އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މިއަދު ފޮނުއްވެވި މެސެޖެއްގަ އެވެ.
އެގޮތުން ނަޝީދު ވަނީ އެމްޑީޕީއާ ގުޅެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ވަހީދު ވިދާޅުވީ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކުރެއްވިޔަސް ރައީސް ނަޝީދު އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ އެޕާޓީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގަ އެވެ. "ފިކުރެއްގެ ދިރުން" ނަމުގައި އެެމަނިކުފާނު އޭރު އުފެއްދެވި ފެކްޝަނުން ފަހުން ޕާޓީއެއް އުފެއްދެވި އެވެ.