ޚަބަރު
ރޭ އަލިފާން ރޯވި ގެ ތަޅާލަނީ

ރޭ އަލިފާނުގެ ހާދިސާއެއް ހިނގި، މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރަބީއުވިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ރަބީއުވިލާ އަކީ މީހުން ދިރިނޫޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ގެއެއް ކަމަށާއި އެ ގެއަކީ ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.

ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން.

އެމްއެންޑީއެފްއިން ބުނީ މ. ރަބީއުވިލާ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ރިޕޯޓް ލިބިފައިވަނީ ރޭ 20:19 ހާއިރު ކަމަށާއި އެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭ 21:12 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޓީމެއް ވަނީ އެސަރަހައްދުގައި ހަރަކާތްތެރި ވެފަ އެވެ.

މީގެ އިތުރުން މި އިމާރާތަށް ލިބުނު ގެއްލުން ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ރޭގެ ވަގުތެއްގައި އެ ސަރަހައްދަށް ވަޑައިގެންފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top