ޚަބަރު
އިންޑިއާއާއި ޗައިނާގެ އިމްޕޯޓަށް ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

އިންޑިއާއާއި ޗައިނާގެ އިމްޕޯޓަށް ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތް ހަދަން އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ކެބިނެޓް ތަމްސީލުކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި ސައީދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ލ. އަތޮޅުގެ ރަށްރަށަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލ. މާވަށު ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުން ޗައިނާއާއިއެކު ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ކަރެންސީ ސްވެޕްގެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ.  ދިވެހި ވިޔަފާރިވެރިންނަށް އެކި ގައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ މަގުފަހި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާކަމަށް ސައީދު މައުލޫމާތު ދެއްވި އެވެ. އެ މަސައްކަތުގެ ދަށުން، ވަރަށް އަވަހަށް ޗައިނާގެ ޔުއާންއިން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

“އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ. ހަމައެގޮތަށް އިންޑިއާއިން ގެންނަ އެއްޗެހިވެސް އަޅުގަނޑުމެންގެ އަމާޒު ހުރީ އިރާދަކުރެއްވިއްޔާ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން”

ސައީދު ވަނީ މިގޮތަށް އަމަލުކުރުމުން ދިވެހި ރުފިޔާއަކީ ޑޮލަރުގެ ކުރިމަތީގައި ވަރުގަދަ ކަރެންސީއަކަށްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަން ފާހަގަކުރައްވާފަ އެވެ. އެހެން ވުމުން، ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ 30 ނުވަތަ 40 އިންސައްތައިން ވަރުގަދަވެގެންދާނެ ކަމަށް ސައީދު ލަފާ ކުރެއްވި އެވެ. ނަތީޖާއެެއްގެ ގޮތުން މުސްތަގުބަލުގައި ދިވެހި ރުފިޔާގެ ރަސްމީ ރޭޓް 15.42 އަށްވުރެ ދަށްވުން އެކަށީގެންވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މާވަށު ރައްޔިތުންނާއި މުހާތަބު ކުރައްވަމުން ސައީދު ވިދާޅުވީ ލ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރެއް ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމުން މާވަށު ކައިރީގައި އޮންނަ 3 ފަޅެއްގައި ފަތުރުވެރިކަން ތަރައްގީކުރައްވަމުން ގެންދަވާ ކަމަށެވެ. ހަމަ އެގޮތަށް މާވަށު ދާއިރާއަށް ސަަރުކާރުގެ ކެންޑިޑޭޓެއް ހޮވިވަޑައިގެންފިނަމަ، މާވަށަށް އިތުރު ތަރައްގީތައް ލިބިގެންދާނެ ކަން ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ސައީދު ވަނީ ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބު ނިމުމުގެ ތިން މަސް ފަހުން ދައުލަތް ބަނގުރޫޓުކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެ ފުރުސަތު ނުދިނުމުގެ ގޮތުން ފައިސާ ޗާޕްކުރުން ހުއްޓާލައިގެން މި ސަރުކާރުން ވަރަށް ބޮޑު ރިސްކެއް ނެގި ކަމަށް ސައީދު ވިދާޅުވި އެވެ. ރައީސްގެ އެ ނިންމެވުމާއި ގުޅިގެން އައިއެމްއެފްއިން ރައީސްއާއި އެކިފަހަރު މަތިން ބައްދަލުކުރެއްވި ކަމަށް ސައީދު ހާމަކުރެއްވި އެވެ. އަދި މަޖިލީސް އިންތިހާބެއް ބޯމަތިވެފައި އޮއްވާ އެފަދަ ރިސްކެއް ނަންގަވައިގެން ރިފޯމްއަށް މަސައްކަތް ކުރެއްވުމަކީ ހިތްވަރުގަދަ ނިންމެވުމެއްގެ ގޮތުގައި އައިއެމްއެފްއިން ސިފަކުރި ކަމަށްވެސް ސައީދު ހާމަކުރެއްވި އެވެ.

ބައިނަލްއަގްވާމީ މަންސަތަކުގައި ނަން ހިނގާ އީވޮލެޓްތައްވެސް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ސައީދު ހާމަކުރެއްވި އެވެ. މި މަހު 14 ގައި ވީޗެޓާއި އަލީ ޕޭ ފަދަ ބައިނަލްއަގްވާމީ ވިޔަފާރިވެރިން ރާއްޖެއަށް ވަޑައިގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ މި ސަރުކާރުގެ ބާރު ދުވެލީގެ ހެއްކެއް ކަމަށް ސައީދު ވިދާޅުވި އެވެ.

 

  1
  ކިޔުންތެރިންގެ ޚިޔާލު

  Leave a Reply

  Your email address will not be published. Required fields are marked *

  Home
  Menu
  Search
  Back to top