ހިތުގެ ބަލިން ރައްކާތެރިވުމަށް ބަލިޖެހުމަށް މެދުވެރިވާ ހިރާސްތަކުން ދުރުހެލިވުމާއިމެދު ސަމާލުވުން މުހިންމުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމާއި ހިތުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ، ހިތުގެ ބަލިތަކާއި ހިތުގެ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަންކަމާއިމެދު ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކުރުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެއެވެ.

ވޯލްޑް ހާރޓް ފެޑެރޭޝަން އިން ކަނޑައަޅާފައިވާ މިފަހަރުގެ ހިތުގެ ދުވަހުގެ ޝިޔާރަކީ "ޔޫސް ޔުއާ ހާރޓް" ކަމަށްވާއިރު މި ޝިއާރުގެ މަގުސަދަކީ، ހިތުގެ ދުވަހާއި ގުޅިގެން ކޮންމެ މީހަކުވެސް، ތިމާގެ ހިތުގެ ދުޅަހެޔޮކަމާއި، ތިމާ ދިރިއުޅޭ މާހައުލާއި ހުރި ގުޅުމާއި، ތިމާގެ މުޖުތަމައުގައި ދިރިއުޅޭ އަޚުންނާއި އުޚުތުންގެ ސިއްހީ ދުޅަހެޔޮކަމާއިމެދު ފުންކޮށް ވިސްނާލުމަށް ހިތް ބޭނުން ކުރުމެވެ. އަދި ހިތުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުދީ ގޮތުން ތިމާއަށް ގެެނެވިދާނެ ބަދަލުތަކާއިމެދު ވިސްނާ އެގޮތަށް އަމަލުކުރުމެވެ.

ރާއްޖޭގައި ހިތުގެ ބަލީގެ ހާލަތަށް އަލިއަޅުވާލައި އެޗް.ޕީ.އޭ އިން ބުނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް 2020 އިން 2022 އަށް ރާއްޖޭގައި ހެދި ސްޓެޕް ސާވޭއިން ދައްކާގޮތުގައި ރާއްޖޭގެ 15 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންކަމަށެވެ. އަދި 27.7 އިންސައްތަ މީހުންނަކީ މި ބަލިތަކަށް ދިގުމުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުންކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.

މީގެއިތުރުން، މި ދިރާސާއިން ދައްކާގޮތުގައި، ރާއްޖޭގައި 18 އަހަރާއި 44 އަހަރާއި ދެމެދު ކޮންމެ ތިން މީހަކުން އެކަކަކީ އަދި 45 އަހަރާއި 69 އަހަރާއި ދެމެދުގެ ކޮންމެ ދެ މީހަކުން އެކަކަކީ ތިނެއް ނުވަތަ އެއަށްވުރެން ގިނަ ލޭނާރާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ހިރާސްތަކަށް ހުށަހެޅިފައިވާ މީހުންކަމަށެވެ.

ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ބަލި ޖެހުމުން ގަވާއިދުން ކާންޖެހޭ ބޭސްތައް ކެއުމަށް ސަމާލުވުމަށް އެޗްޕޫއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހު އަޒުމް ކަނޑައަޅަންވީ، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރުމަށްކަމަށް އެޗް.ޕީ.އޭ އިން ބުނެއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *