ރާއްޖެ އަށް ވަންނަ ޑޮލަރުގެ %30 މި ގައުމުގައި ހިފަހައްޓައި ރޭޓް 15ރ. އަށް ވުރެ ތިރިކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރުމަށް އެމްޑީޕީ ހިތަދޫ ޖަގަަހައިގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އާންމުންނަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދެމުންދާ ކަމަށެވެ. އެ ހައްލު ގެނެސްދެއްވާނެ ގޮތް މެނިފެސްޓޯގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިޞާދު ދެގުނަ ވާއިރު އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ޑޮލަރުން ރާއްޖެއަށް ލިބޭ އާމްދަނީކަމަށެވެ. ހަ ބިލިއަނަަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭއިރު ޑޮލަރު ހޯދުމުގައި ދަތިވާންވީ އެއްވެސް ސަބަބެއް އޮންނާކަށް ނުޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަމަށް މުހިންމީ ރަނގަޅު ސިޔާސަތުތަކެއް ހުރުންކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެގޮތުން ފެށި އެއް ކަމަކީ ޑީޑޮލަރައިޒޭޝަންގެ މަސައްކަތް ކަމަށެވެ. އެއީ ރާއްޖޭގެ އެތެރޭގެ ހުރިހާ ވިޔަފާރި މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުންކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެވަނަ ގޮތަކީ ރާއްޖެއަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގައި ހިފެހެއްޓުން ކަމަށެވެ.

އޭރުން ބޭރު އިންވެސްޓަރުން އިންވެސްޓުކުރަން އެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާ ވަގުތު އެ ލިބޭނެކަމުގެ ޔަގީންކަން އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *