ރައްޔިތުންގެ މަޖިލިސް

ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން އަވަސް އަރުވާލައިގެން ސިޔާސީ މަންފާއަށް ނިޒާމީ ވޯޓު ނުނެގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އޮކްޓޯބަރު 30، ވަނަ ދުވަހުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އެ ހުށަހަޅާ އެ ކޮމިޝަނުން ދަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

މި ދަނޑިވަޅުގައި ނިޒާމީ ވޯޓު ބޭއްވުމާ ދެކޮޅަށް ޓްރާންސްޕޭރެންސީން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ރިފަރެންޑަމަކީ ފުރިހަމަ ތައްޔާރީތަކާއެކު ވޯޓުލާ މީހުންނަށް އެކަށީގެންވާ މައުލޫމާތާއެކު ނިންމަންޖެހޭ ނިންމުމެއް ކަމަށާއި ކުރު މުއްދަތެއްގައި ސިޔާސީ މަންފާއެއް ހާސިލު ކުރުމަށް ރިފަރެންޑަމެއް ބޭއްވިގެން ނުވާނެ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ނިޒާމީ ވޯޓުގެ ކުރިއަށް, ހުށަހަޅާ ނިޒާމުތަކަކީ ކޮބައި ކަމާއި, އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތައް އަދި އޭގެ ސަބަބުން ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެ ގޮތް ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ނިޒާމީ ވޯޓުގެ ކުރިން ބައެއް ކަންކަން ކުރަން އެ ޖަމިއްޔާއިން ވަނީ މަޖިލީހާއި އިލެކްޝަން ކޮމިޝަނަށް ގޮވާލާފަ އެވެ.

ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ނިޒާމުތައް ސާފުކޮށް ބަޔާންކޮށްފައިވާ ފުރިހަމަ އަދި ގައުމީ ފެންވަރުގެ ވޯޓާ އެޑިއުކޭޝަން އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ނިޒާމުތަކާ ބެހޭގޮތުން ހިޔާލު ފާޅުކުރުމާއި, ބަހުސް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއި, ނިޒާމީ ވޯޓުގެ ކުރިން, ބަދަލުގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަނެވޭކަން ކަށަވަރު ކުރުމާއި، ވޯޓު ނެގުމުގެ ކުރިންނާއި ފަހުން ނިންމާ ނިންމުންތަކާއި މަރުހަލާތަކުގައި ރައްޔިތުން އަދި ހާއްސަކޮށް ޒުވާނުންގެ މާނަހުރި ބައިވެރިވުން ކަށަވަރު ކުރުން ފަދަ ކަންކަމަށް އެ ޖަމިއްޔާއިްނ ވަނީ ފާހަގަކޮށްފައެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެމްބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *