މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދައި، ފުލުހުން ރެއިޑް ޖަހަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް ފުލުހުން ދޮގުކޮށްފިއެވެ.
"ޗެނަލް 13" އިން އެފަދަ މޭރުމަކުން ޚަބަރު ގެނެސްދީފައިވާތީ އެކަމާއި ގުޅިގެން ފުލުހުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.
"ޗެނަލް 13" އިން އެފަދަ ޚަބަރެއް ގެނެސްދީފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކުން އެފަދަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި "ޗެނަލް 13"ގެ އެ ޙަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައިނުވާ, ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ އަގު ވައްޓާލުމުގެ ގޮތުން ގެނެސްފައިވާ ކަނޑައެޅިގެން ދޮގު ހަބަރެކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުން ކުށްވެރިކޮށްފައެވެ.