ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ނޭޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖް އިން ޝާޑު ދި ބިލްޑަރއާ ޙަވާލުކޮށްފިއެވެ.
ތާރީޚާއި ގުޅުންހުރި މުހިއްމުކަންކަން ދިރުވާ އާލާކޮށް އެކަންކަމުގެ މަޢުލޫމާތު ކުރިއަށް އޮތް ޖީލަށް އެނގޭނެހެން ޢާއްމުކުރުމަށް ހެރިޓޭޖުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މީލާދީގޮތުން 1700ގެ އަހަރުތަކުގައި ރަސްކަންކުރެއްވި ތ.ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތައް މިއުޒިއަމެއްގެ ގޮތުގައި ފެންނަން ހުންނާނެ ފަދަގޮތަކަށް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި މަސައްކަތް ޝާޑު ދި ބިލްޑަރ އާއި ޙަވާލުކޮށްފައިވަނީ 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ބަންދުދުވަސްތައް ނުހިމެނޭގޮތަށް 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ތ.ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ކޮށްދިނުމަށް މި މަރުކަޒާއި ޝާޑު ދި ބިލްޑަރ އާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ. pic.twitter.com/GCa8GWDPMs
— National Centre for Cultural Heritage (@HeritageMv) September 26, 2023
އެ ސަރަޙައްދު މިއުޒިއަމްއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގަނޑުވަރުގެ ޢިމާރާތުގައި ކުރަންޖެހޭ ބައެއް މަރާމާތުގެ މަސައްކަތްތައްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަދި މީގެއިތުރުން ވަޑާމުގެ މަސައްކަތުގެ ތެރޭގައި ދޮރުތަކުގެ މަސައްކަތްކުރުމާއި ބައެއް ފަރުނީޗަރުގެ ތެރެއިން ފޮޓޯތަކުން ފެންނަ އެހެންނަމަވެސް މިހާރު ނެތް ބައެއް އާސާރީ ތަކެއް ހަދާ ޑިސްޕްލޭކުރުމަށް ހަމަޖެހިފައިވާކަމަށް ހެރިޓޭޖުން މައުލޫމާތުދެއެވެ.
ހެރިޓޭޖުން ބުނީ، މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ، އުތީމު ގަނޑުވަރުން ޢާއްމުންނަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ޢާއިލާ އަދި ދިރިއުޅުމާއިގުޅޭ މަޢުލޫމާތުތައް ލިބިގެންދާ ފަދައިން ދިޔަމިގިލީ ގަނޑުވަރާއެކު އެދަރިކޮޅުގެ ވާހަކަވެސް ޢާއްމުންނަށް ފެންނަން ހުންނާނެގޮތްހެދުންކަމަށެވެ.
ދިޔަމިގިލީ ގަނޑުވަރު ހުންނަ ގޯތީގެ ދިގުމިނުގައި 34 ފޫޓު އަދި ފުޅާމިނުގައި 30 ފޫޓު ހުންނައިރު މި ގަނޑުވަރު ރާނާފައިވަނީ އުވައާއި ހިރިގައު ބޭނުންކޮށްގެނެވެ. މި ގަނޑުވަރު ހުންނަނީ ރަށުގެ މެދަށްވާ ގޮތަށެވެ.
ބެލެވޭގޮތުގައި މި ގަނޑުވަރަށް މިހާރު 318 އަހަރު ވެދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ގަނޑުވަރު ހިމެނޭ މަގަށް ދީފައިވާ ނަމަކީވެސް ގަނޑުވަރަށް ނިސްބަތްކޮށް، ގަނޑުވަރުމަގެވެ.