އިންތިޚާބުގެ ފުރަތަމަ ބުރުގައި މާލޭ ސަރަޙައްދުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވެއްޖެއެވެ.
އީސީގެ ނައިބް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުނާއި، މާލޭ ސަރަޙައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރި އޮފިޝަލުންގެ އިތުރުން ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ ކަމަށެވެ.
އަތޮޅު ތެރޭގައި މަސައްކަތް ކުރި ފަރާތްތަކަށްވެސް މި ހަފްތާގެ ތެރޭގައި އެ ފައިސާ ޖަމާވާނެ ކަމަށް އޭނާގެ ޓްވީޓްގައި ވެއެވެ.
އޮފިޝަލުންނަށް ދެވޭ އެލަވަންސްއަށް ބަލާއިރު، ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ 1500 ރުފިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1000 ރުފިޔާއެވެ. އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މޮނީޓަރުންގެ ގޮތުގައި ގިނަބަޔަކު މަސައްކަތް ކޮށްފައި ވެއެވެ.