ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ނެދަލޭންޑްސް ގެ ހޭގްގައި ހުންނަ އެންބަސީތަކެއްގެ ކުރިމަތީގައި 23 ސެޕްޓެމްބަރުގައި ބަޔަކު ޤުރްއާން މުސްހަފްތަކެއް ވީދި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނެދަލޭންޑްސް މި ނުބައި އަމަލާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ޤުރުއާނާއި މެދު މިފަދަ ނޭދެވޭ އަމަލުތައް އެތައް ފަހަރަކު ތަކުރާރުކޮށް އެކަން އާންމުކަމަކަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ބުނެ، ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަދި އެއްވެސް އުސޫލެއްގެ ދަށުން އެކަންކުރުމަށް ހުއްދަ ދެވިގެންވަނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ބުނީ އަނިޔާވެރިކަމާއި އިސްލާމް ދީނަށް ކުރާ ނަފްރަތް ހުއްޓުވައި، އެކަންކަން ހައްލުކޮށް، ގާނޫނުތަކާއި ސިޔާސަތުތަކާއި، ގާނޫނު ތަންފީޒުކުރުމުގެ އޮނިގަނޑުތައް މިފަދަ ކަންކަން ހުއްޓުވޭ ގޮތަށް ގައުމުތަކުން ތައާރަފްކުރަން ޖެހޭކަމަށެވެ.

ދިވެހި ސަރުކާރުން ބުނީ ދީނާ ދެކޮޅަށް ކުރާ ނަފްރަތާއި، އިސްލާމް ދީނާ ދޭތެރޭ ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް އެހެންމީހުންގެ ތެރޭގައި ދޮގު ވާހަކަ ފެތުރުމާއި، މުސްލިމުންނާއި ދޭތެރޭ އަނިޔާވެރިކަން އިތުރުވަމުން ދިއުމަކީ ރާއްޖޭން ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފްރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

"އިސްލާމްފޯބިއާ" އާއި އިސްލާމް ދީނާއި މެދު ނަފްރަތު އުފެދޭފަދަ ވާހަކަ ދެއްކުމާއި، ދެކޮޅަށް ހައްލެއް ގެނެވޭނީ އެއްބައިވަންތަކަން ދަމަހައްޓާ ހުރިހާ ގައުމުތަކުން ފިޔަވަޅު އަޅައިގެންކަމަށްވެސް ދިވެހި ސަރުކާރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *