އުތުރު ތިލަފަޅު -- ފޮޓޯ: ޕީއެސްއެމް

ޤަވައިދާ ޚިލާފަށް ބަޔަކު އުތުރު ތިލަފަޅަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަޙައްދަށް "ދިޔަރެސް" ނޫހުގެ ބައެއް ނޫސްވެރިން އަރަން މަސައްކަތްކުރި މައްސަލަ ބަލާ ފިޔަވަޅު އެޅާނެކަމަށް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފައެވެ.

"ދިޔަރެސް" ނޫހުގެ ބައެއް ނޫސްވެރިން އިއްޔެ އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރާ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މި ޢަމަލު އެ ނޫހުގެ ފަރާތުން ހިންގާފައިވަނީ، އުތުރު ތިލަފަޅު ހިއްކާ އެތަނުން ރައްޔިތުންނަށް ގޯތި ދޫކުރާނެކަމަށް ސަރުކާރުން ބުނި ބުނުމާއި ގުޅިގެން، އެތަން ބަލަންކަމަށް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްޤީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެފަޅުގެ ބާކީ ސަރަޙައްދުތައް ރެސިޑެންޝަލް އޭރިޔާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށް ސަރުކާރުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހާމަކުރައްވާފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ދިޔަރެސް ނޫހުގެ ނޫސްވެރިން ހުއްދަނެތި ސިފައިންގެ ބަނދަރުތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

އެގޮތަށް ހުއްދަ ހޯދުމެއްނެތި އެރަށް އަރަން އުޅުމަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަމަށް އެމްޑީއެފުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްޤީކުރަމުން އަންނަ ބަނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށްފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުޞަތު ފަހިކޮށްދީފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަޔާއި ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަނެތި ވަނުންމަނާ ތަންތަންކަމާއި، އެފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ސިފައިންގެ ބަނދަރު ތަރައްޤީކުރަމުން އަންނަ ސަރަޙައްދަށް ހުއްދަނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެރަށުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީވެސް މި އުޞޫލުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ބަޔާނުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުންވެސް ހުއްދަކުރެވިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ. އަދި ޤާނުނުގައިވާ ގޮތުގެ މަތިން މި މައްސަލަ ބައްލަވާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *