ބަރުލަމާނީ ނިޒާމުގެ ސިފަތައް ރައްޔިތުންގެ މަޖިލީޙުން ފާސްކުރުމަށް ހުށަހެޅުއްވުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލާ ކަރުދާހުގައި، ރައީސުލް ޖުމްހޫރިއްޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށާއި، ބޮޑުވަޒީރު އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގްލަބިއްޔަތުން ކަމަށް ކަނޑައަޅައިފިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ތައްޔާރުވަމުން އަންނައިރު، ރައީތުންގެ މަޖިލީހުގެ ރައީސް ވަނީ ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފަތައް ހިމެނޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކޮށް އެ ސިފަތައް މަޖިލީހުން ފާސްކުރުމަށް ނިންމާފައެވެ.
ބަރުލަމާނީ ނިޒާމުގެ ސިފަތައް ކަމުގައި އެ ކަރުދާހުގައި ބުނެފައިވަނީ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރަކީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އުފެދޭ ބައެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ބޮޑުވަޒީރު ކަމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ކަރުދާހުގައި ކަނޑައަޅާފައިވެއެވެ.
އެހެންކަމުން ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުނުގެ ބާރު އޭރުން އޮންނާނީ އެއްބާރެއްގެ ގޮތުގައެވެ. މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން މަލްޓިޕާޓީ ސިސްޓަމްގެ ދަށުން ސަރުކާރުތައް އެކުލަވާ، ރިޔާސީ ނިޒާމުގައި ވެރިކަން ހިންގާ ބާރާއި ޤާނޫނު ހެދުމުގެ ބާރު އޮންނަނީ ވަކި ވަކި ދެ ބާރުގެ ގޮތުގައެވެ. އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވޭ ގޮތަކަށެވެ.
ނަޝީދު ތައްޔާރުކުރައްވާފައިވާ ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފަތައް ހިމެނޭ ކަރުދާހުގައިވާ ގޮތުން ބަރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރު ބޮޑުވަޒީރަށް ދިނުމާއި އެކު ޤާނޫނު ހެދުމުގެ ބާރު މަޖިލީހަށް އޮވެފައި، އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ހަމައެކަނި ޝަރުއީ ކޯޓުތަކަށް އޮންނަ ގޮތަށެވެ.
ބަރުލަމާނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ:
- ބޮޑުވަޒީރު އެ މަގާމަށް އައްޔަން ކުރުމާއި އޭނާގެ އިސްތިއުފާ ބަލައިގަތުން
- އާންމު އިންތިހާބު އިއުލާނު ކުރުމާއި ޤާނޫނު އަސާސީގައި ބަޔާން ކުރާ މިނިވަން މުސްތަގިއްލު މަގާމުތަކާއި، އިދާރާތަކަށް މަޖިލީހުގެ މަޝްވަރާގެ މަތިން މީހުން އައްޔަން ކުރުން.
- ގާނޫނު ހަދާ މަޖިލީސް އުވާލުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނޯންނާނެ. (ބަރުލަމާނީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްޖެ ނަމަ ޤާނޫނު ހަދާ މަޖިލީސް އުވާލުމުގެ ބާރު ރައީސްއަށް ލިބިވަޑައިގަންނަވައެވެ..
ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކާއި ބައެއް ސިފަތައް:
- ވަޒީރުންގެ މަޖިލީސް އައްޔަންކުރާނީ ބޮޑުވަޒީރު.
- ސަރުކާރުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްފިނަމަ ޤާނޫނު އަސާސީގައިވާ ގިތަށް އައު ސަރުކާރެއް އެކުލަވާލުން
- ބޮޑުވަޒީރުގެ އިތުބާރު ނެތްކަމށް މަޖިލީހުން ފާސްކޮށްފިނަމަ އިސްތިއުފާ ދިނުން
- ދައުރު ހަމަވުމުން މަޖިލީސް އުވިއްޖެ ނަމަ ސަރުކާރު އުވޭނެ. މަޖިލީހުގެ އުމުރަކީ ފަސް އަހަރު.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަމުންދަނީ އޮކްޓީބަރު 29 ގައެވެ. އެ ވޯޓު ނަގާއިރު ރައްޔިތުންނާއި ކުރާ ސުވާލުގެ އިބާރާތް ފާސްކުރުމަށް މިއަދު ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ބޭއްވޭގޮތް ވަނީ ނުވެފައެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ބޭނުންވާ ޕާޓީއަކީ ރައީސް ނަޝިދު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެތްސްއެވެ. މަޖިލީހަށް ބަރުލަމާނީ ވޯޓާއި ގުޅޭ ޤާރާރު ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.