އަންނަ ހޮނިހިރު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޤައުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވުން ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އުގެއިލް ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރު ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އުގެއިލް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށާއި، އެއީ ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަދި އެމްޑީޕީއަކީ މިހާރު ރާއްޖޭގާއި ސިޔާސީ ގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖުރިބާކާރު ޕާޓީކަމަށް ފާހަގަ ކުރައްވާ އުގެއިލް ވިދާޅުވީ ޑިމޮކްރެސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން އޭނާ ވޯޓު ދޭން ބޭނުންފުޅުވަނީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ކަމަށެވެ.

އުގެއިލް ފޭސްބުކްގައި ލިއުއްވާފައިވާ އިބާރާތް ކޮޅެއް
މި ނިންމެވުމާއި ގުޅިގެން އުގެއިލްއަށް އެކި ފާޑުގެ ދޮގު އިލްޒާމްތައް އަންނާނެ ކަންވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އޭނާ ބޭނުންފުޅުވާ އެއްވެސް އެއްޗެއް ނެތް ކަމަށް އުގެއިލް ވިދާޅުވިއެވެ.
އުގެއިލް ވިދާޅުވީ އޭނާ އަކީ އަބަދުވެސް ގައުމަށާއި ރައްޔިތުންގެ ހައްޤުގައި އަމިއްލަ އެދުމުން އެއްކިބާވެ ހުރެ ބަސްބުނާ މީހެއްކަން ހެޔޮވިސްނޭ އެންމެހާ ދިވެހިންނަށްވެސް އެނގޭނެ ކަމަށެވެ.