ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވޯޓުލުމަށް އިތުރު ބާރަ ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސި އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު 12 ވޯޓު ފޮށްޓެއް ބަހައްޓަން ނިންމީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓަރީ ކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން މާލޭރައްޔިތުންނަށް މާލޭގައި އިތުރު ތިން ވޯޓު ފޮށި، މާލޭގައި ދިރުއުޅޭ ހއ، ލ، އަދި ށ އަތޮޅުގެ ރައްޔިތުންނަށް، ކޮންމެ އަތޮޅަކަށް އިތުރު ފޮށި، ވިލިމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް އިތުރު ފޮއްޓެއް، ހުޅުމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ހަތަރު ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމް ގައި އިތުރު ފޮއްޓެއް ވަހައްތަން ވަނީ ނިންމާފައެވެ.
މި ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރާއްޖެއިން ބޭރުގެ 5 ތަނެއްގައި ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. މިގޮތުން އަބޫދާބީއާއި، އިންޑިއާގެ ޓްރެވިންޑަރަމްއާއި، ސްރީލަންކާގެ ކޮލަންބޯއާއި، އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ.
ދެވަނަ ބުރުގައިވެސް މި 5 ޤައުމުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަހަރު މި 5 ގައުމުގައި 9 ވޯޓު ފޮށި ބެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މެލޭޝިޔާގައި 3 ވޯޓު ފޮށި، އިންޑިއާގައި 2 ވޯޓު ފޮށި، ލަންކާގައި 2 ވޯޓު ފޮށި އަބޫދާބީގައި 1 ވޯޓު ފޮށި އަދި ޔޫކޭގައި 1 ވޯޓު ފޮށްޓެވެ.
ފުރަތަމަ ބުރުގައި ބައެއް ޤައުމުތަކުގައި ވޯޓުލާ މަރުކަޒަށް ވޯޓު ފޮށި ހުޅުވާ ގަޑިއަށް މީހުން ނުދިޔުމުގެ ސަބަބުން ވޯޓު ފޮށި ހުޅުވުން ލަސްވުން ފަދަ ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މިފަހަރު މިގޮތަށް ދިމަނުވާނެހެން އިލެކްޝަނުން ވަނީ ކުރިން ވޯޓުލާ ގަޑިތައް ޢިއުލާންކޮށް އަންގާފައެވެ.
އެގޮތުން އަބޫދާބީގައި ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފަށާއިރު އިންޑިއާގެ ޓްރިވެންޑަރަމްއާއި ސްރީލަންކާގެ ކޮލަމްބޯއާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓުލާން ފަށާނީ ހެނދުނު 0830 ހުގައެވެ. އަދި މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ކުރި 11 ޖަހާއިރުއެވެ.
އަބޫދާބީގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރުއެވެ. އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަމްބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8 ޖަހާއިރުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.