ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނުބާއްވަން ނިންމައިފިއެވެ.
މިއަދު 09:00 އަށް އެޖެންޑާ ކޮށްފައިވާ ޖަލްސާ ކޯރަމް ހަމަނުވުމުން ގަޑިއަށް ފެށިފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށާއި ޖަލްސާ ފެށުމަށް ބޭނުންވަނީ އިތުރު ދެ މެންބަރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ހަފްތާކަމަށް ވުމުން ސިޔާސީ ޕާޓީތަކުން ކެމްޕޭން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
އެ މަސައްކަތުގައި އުޅުމަކީ މި މަޖިލީހުގެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ކަންބޮޑުވަނީ ކުޑަދަށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީ"
ކޯރަމް ހަމަކުރުމަށް ވަގުތުދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކޯރަމް ހަމަނުވެއްޖެނަމަ ތަޅުމުގައި ކުރައްވާ މަސައްކަތް ދޫކޮށްލައްވަންޖެހޭނެކަމަށެވެ.
އެހެން ދުވަސްތަކާ ހިލާފަށް ނަޝީދު މިއަދު ވަނީ ގިނައިރު މަޑުނުކޮށް ޖަލްސާ ނިންމާލައްވާފަ އެވެ. މީގެ ކުރިން ކޯރަމް ހަމަނުވެގެން ވަރަށް ގިނަ ފަހަރު މަތިން ޖަލްސާ ފެއްޓެވޭތޯ މަސައްކަތް ކުރައްވަ އެވެ.