ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ވޯޓު ކަރުދާހުގައި ރައްޔިތުންނާ ކުރަން ހިމަނަންޖެހޭ ސުވާލުގެ އިބާރާތް ކަނޑައެޅުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ނިޒާމީ ވޯޓާއި ގުޅުން ހުރި ދެ މަސައްކަތެއް މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އޭގެ ތެރޭގައި ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން އެކުލަވާލާ މައުލޫމާތު ކަރުދާހެއްގެ މަސައްކަތް ހިމެނޭނެ ކަމަށާއި، ހަމައެއާއެކު، ނިޒާމީ ވޯޓު ނަގާއިރު ކަރުދާސްކޮޅުގައި ލިޔެފައި އޮންނަ އިބާރާތްކޮޅު ވެސް މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.