ހަތް އަހަރަށްފަހު ދިވެހިރާއްޖެ އާއި އީރާނާއީ ދެގައުމުގެ ދެމެދުގައި އަލުން ހާރިޖީ ގުޅުން ޤާއިމުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އދ.ގެ 78 ވަނަ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ހަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲ ހީޔަން ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމު ގުޅިގެން އެކަން އިއުލާނުކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ޝައުގުވެރިކަމުގެ ސަބަބުން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގައި އެކުވެރިކަން ބަދަހިކުރުމާއި ހަމަހަމަކަން ގާއިމު ކުރުމާއި ދެގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އިންވެސްޓްމެންޓާއި ވިޔަފާރިގެ ގުޅުމާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭން އީރާނާއީ އެކު ގާއިމުކޮށްފައި އޮތް ގުޅުމަށް 40 އަހަރު ވެފައިވަނިކޮށް، ކުއްލި ގޮތަކަށް އެ ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީ ކަމަށް ބުނެއެވެ.

އީރާނާއެކު ރާއްޖޭން އަލުން ގުޅުން ގާއިމުކޮށްފައިވަނީ، ޗައިނާ މެދުވެރިވެގެން އެހެން ގައުމުތަކާއި އިރާނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *