މިދިޔަ ރިޔާސީ ކެންޕެއިނުގައި ކުރީގެ މިނިސްޓަރު ޝާހިދު މަކުނުދޫގައި -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ފަރާތްތަކުގެ ފިތުނައިގައި ނުޖެހުމަށާއި ހެލިކޮޕްޓަރު އަދި އުތުރުތިލަފަޅު އެއްބަސްވުމުގައި ސޮއިކުރީ އެމްޑީޕީގެ ސަރުކާރަކުން ނޫންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ރޭ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ އެއްވެސް ބަޔަކު އެމީހުންނާއި ގުޅިގެން ވެރިކަމެއް ކުރަންދާނެ ބައެއް ނޫން ކަމަށާއި އިދިކޮޅުން ދަނީ ފިތުނަ ދޮލަނގަށް ލައިގެން އެ ވިއްކޭތޯ މަސައްކަތްކުރަމުން ކަމަށެވެ.

އަދި އެ ފިތުނައިގެ ތެރެއިން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އިންޑިއާގެ ވާހަކަ ކަމަށް މިނިސްޓަރު ފާހަގަކޮށްލެއްވިއެވެ.

އިންޑިއާއިން ރާއްޖެއަށް ގެނައި ދެ ހެލިކޮޕްޓަރުގެ ވާހަކައަށް އަލިއަޅުވާލައި ޝާހިދު ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށާއި ދެވަނަ ހެލިކޮޕްޓަރު ގެނައީ 2016 ވަނަ އަހަރު ރައީސް ޔާމީން ގެ ސަރުކާރުގައިކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން އައީ އެ ދެ ހެލިކޮޕްޓަރުން
ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ހިދުމަތްދެމުން ދަނިކޮށްކަމަށެވެ.ޝާހިދު ވިދާޅުވީ އެ ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭގައި އަޅާފައި އޮތް ސޮޔެއް އަޅާފައި އޮތީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އުތުރު ތިލަފަޅުގައި ވެސް ހަދނީ އިންޑިއާގެ މަރުކަޒެއް ކަމަށް ބުނަމުންދާ އިރު، އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުންނަވައިގެން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސޮއި އަޅުއްވާފައި އޮތް ޑިފެންސް އެކްޝަން ޕްލޭނެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން ރޭވި ބަޔަކީ ޕީޕީއެމް ކަމަށާއި ރާއްޖޭގެ ބިން ކަނޑައި، އަތޮޅުތަކާއި ރަށްތައް ބޭރު މީހުންނަށް މިލްކުވާނެ ގޮތަށް ވިއްކާލަން ގާނޫނުއަސާސީ ބަދަލުކުރި މީހުންނަކީ އެއީ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ރައީސް ސޯލިހު ހަވާލުވެވަޑައިގެން ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު އުވައިލެއްވުން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *