ރާއްޖޭގެ ފަސްގަނޑުން އެންމެ އިންޗިއެއްވެސް ބޭރުގެ ބައެއްގެ އަތްދަށުގައި އޮންނާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ބައެއް ބޭރުގެ ބަޔަކަށް މިލްކު ކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.
ރޭގަނޑުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީސް ހެކްކޮށް އެ ބަދަލު ގެނައިއިރު އެތާނގައި ތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ދެކޮޅު ހެއްދެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ ޤާނޫނުއަސާސީ އަށް އޭރު ގެނެސްފައި އޮތް ބަދަލު އަނބުރާ އިއާދަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ޔަގީނުންވެސް މިއަދަކު ރާއްޖޭގެ އެންމެ ފަސްކޮޅެއްވެސް އަދި އެންމެ އިންޗިއެއްވެސް ބޭރުގެ ޤައުމަކަށް ނުވަތަ މީހަކަށް މިލްކު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅުން ދައްކަމުންގެންދާ ވާހަކައަކީ ރާއްޖޭގައި ބޭރުގެ ސިފައިންތިބޭ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިރާއްޖޭގެ އެއްވެސް ހިސާބެއްގައި މިލިޓަރީ ބޭނުމެއްގައި އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާއިއެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން އިދިކޮޅުން އެ ދައްކަވަމުންގެންދަވާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ދޮގު ވާހަކަކަން އެންގިގެންދާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުންތަކެއް ރައީސް ސޯލިހް އަށް ތާއީދު ކުރައްވާ އެމްޑީޕީގެ ކެމްޕެނާއި ގުޅިގައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މެންބަރުންނަށް މަރުޚަބާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ މީގެކުރިންވެސް އެކުގައި އިސްލާހީ މަސައްކަތް ކުރައްވާފައިވާ ބޭފުޅުންކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނާއިއެކު މަސައްކަތް ކުރަން އުނދަގޫ ނުވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ގުޅުނު މެންބަރުންނަކީ ކުރީ ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެކުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ހަރުދަނާ އެތައް ސިޔާސީ ބޭފުޅުންނަކައި އާންމު މެންބަރުން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.