ސަޢޫދީ ޢަރަބިއްޔާގެ 93ވަނަ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ނައިބު ރައީސް ފައިސްލަ ނަސީމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާ ސަޢުދީ ޢަރަބިއްޔާއަކީ، ދީނީގޮތުންނާއި ޘަޤާފީގޮތުން އަދި ތާރީޚީގޮތުންވެސް ގާތްގުޅުންތަކެއް އޮތް ދެ ޤައުމުކަން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ 93ވަނަ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވައިލާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޙިޖާޒުކަރަ އާއި ނަޖުދުކަރަ އެކުވެ ކިންގްޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އުފެދިގެން އައިގޮތުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި ފާއިތުވި ތަނުގައި، ސަޢޫދީ ޢަރަބިއްޔާއަށް އައިސްފައިވާ ބަދަލުތަކާއި، ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދާއި ތަޢުލީމާއި ޞިއްޙަތާއި ޓެކްނޮލޮޖީފަދަ ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތަޢުރީފްކުރައްވާފައެވެ.

ވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި،  ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާތަނަށް ދެޤައުމުގެ ގުޅުންތައް ބަދަހިވެ ކުރިއަރައިގެން ގޮސްފައި ވަނީ، ދެޤައުމުގެ އިސްވެރިން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން، ދިވެހިންނަށް އީ-ވިސާ އަދި އޮން އެރައިވަލް ވިސާ ދިނުމަށް މިއަހަރު ސަޢޫދީ ސަރުކާރުން ނިންމި ނިންމުމަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ޒަޢާމަތުގައި، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 17 މާރިޗު 1981 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *