އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓްތައް -- ފޮޓޯ: ޕީއެސްއެމް

ބޮޑު އިންޓްރެސްޓް ރޭޓެއްގައި ލޯނު ނަގައިގެން ގާކޮށްޓާއި ޢަރަބިއްޔާއިން ފްލެޓް ގަތް 50 ފަރާތަކަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރާ ފްލެޓްތަކުން ފްލެޓް ދޭން ސަރުކާރުން ނިންމަވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ހިންގި "ވެށިފަހި" މަޝްރޫޢުގެ ދަށުން ގާކޮށްޓާއި ޢަރަބިއްޔާގެ ފްލެޓްތައް ދޫކުރަން ނިންމަވާފައިއޮތީ ދިގު މުއްދަތަކަށް ފައިސާދައްކާ ޚަލާސްކުރާގޮތަށް ހެޔޮ އަގެއްގައެވެ. ނަމަވެސް އެ ނިންމެވުމަށް ބަދަލު ގެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އެހެން ކަމުން  މި ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކަށް މަޖުބޫރުވީ ބެންކު މެދުވެރިކޮށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ލޯނު ނަގައިގެން ފްލެޓްތައް ގަތުމަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބޮޑު އިންޓްރެސްޓެއްގައި ލޯނު ނަގައިގެން ގާކޮށްޓާއި ޢަރަބިއްޔާއިން ފްލެޓް ގަތުމަށް މަޖުބޫރުވި ފަރާތްތަކުން އެކަމަށް ލުޔެއް ހޯއްދައިދިނުމަށް މި ސަރުކާރުގައި އެދިފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ލުޔެއް ހޯދުމަށް ސަރުކާރުން ބޭންކުތަކާއި ވާހަކަދައްކައިގެން އެ ލޯނުތަކުގެ އިންޓްރެސްޓް ކުޑަކުރެވޭތޯ މަސައްކަތް ކުރެއްވިކަމަށާއި ނަމަވެސް ބޭންކުން އެގޮތަށް އެއްބަސްނުވުމުން، އެފަރާތްތަކަށް ސަރުކާރުން އެންމެ ފުރަތަމަ އަޅާ ފްލެޓްތަކުން ފްލެޓް ދޭނެކަމުގެ ލިޔުން ސަރުކާރުން ދެއްވާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

މިގޮތަށް އަގުބޮޑުކޮށް ފްލެޓް ގަތް 50 ފަރާތަކަށް ފަހިދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް މިއަދު ނިންމަވާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގައި ޢިމާރާތްކުރި ގާކޮށި އަދި ޢަރަބިއްޔާ ފްލެޓުތައް އަގު ބޮޑުކުރީ ސަރުކާރުން ވަކި މަޤްޞަދެއް ޙާސިލުކުރުމަށްކަމަށް އަކްރަމް މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *