2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެންމެ ކުރިއަށް ޗައިނާ އަރާނެ ކަމަށް ލާފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ. ޗައިނާއިން ފަތުރުވެރިން އައުން މަޑުޖެހިފައި އޮތީ ކޮވިޑް-19 އާއި ގުޅިގެންނެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޗައިނާ އިން މަހަކު 17،000 އާ ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މި އަހަރުގެ މިހާތަނަށް ޗައިނާ އޮތީ 10.2 ޕަސެންޓް ހިއްސާ އާ އެކު، ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތިން ވަނައިގައެވެ. ޗައިނާ އިން މި އަހަރުގެ މިހާތަނަށް 133،962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިޔާ އިންނެވެ. ރަޝިޔާ އިން 152،967 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ ޖުމްލަ އައި ފަތުރުވެރިންގެ 11.7 އިންސައްތައެވެ. ދެ ވަނާގައި އޮތް އިންޑިއާ 11 އިންސައްތަ ހިއްސާ ކުރާއިރު، އެ ގައުމުން 144،014 ފަތުރުވެރިން ވަނީ މިހާތަނަކަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު، ރަޝިޔާ އާ 1.5 އަދި އިންޑިއާ އާ 0.8 އިންސައްތައިގެ ފަރަގެއް އުޅޭއިރު، މިނިސްޓަރު މައުސޫމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ޗައިނާ އެންމެ މަގުބޫލު މާކެޓަށް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަހަރުގެ ޖުމްލަ 1.8 މިިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، 1.3 މިލިއަން ޓޫރިސްޓުން މިހާތަކަށް ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 1.1 މިލިއަން ޓޫރިސްޓުންނެވެ.