ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ޖަރުމަނު ވިލާތުން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
އެގޮތުން މިއަދު ބަލައިފާސްކުރެވުނު ޕާރުސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހުޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުނާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.