ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތުގެ މަތިން ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އޮކްޓޫބަރު 29ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގަން މަޝްވަރާކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަންއިން ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ފުވާދު ވިދާޅުވީ ގާނޫނުގައި އޮތްގޮތުގެ މަތިން ކޮމިޝަނުން ނިޒާމީ ވޯޓުނެގުމުގެ ކަންކަންކުރާނެ ކަމަށާއި އަދި ކުރެވެން އޮތް އެންމެ ރަނގަޅަކަށް ރައްޔިތުންނަށް އެކަން އިލެކްޝަންސް ކޮމިޝަނުން ކޮށްދޭނެކަމަށެވެ. ފުވާދު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އިލެކްޝަންސް އިން މައުލޫމާތުދިނުމާއި ހޭލުންތެރިކަން އިތުރުކުރާނެކަމަށެވެ.
މިހާރު އޮތް ވަގުތު ކޮޅަކީ އެކަމަށް އެކަށީގެންވާ ވަގުތެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ އިލެކްޝަންސްގެ ނިޔަތަކީ ވަގުތު އޮތް މިންވަރަކުން އެކަން ކުރުން ކަމަށެވެ.
ނިޒާމީ ވޯޓާ ގުޅޭގޮތުން އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީން ވިދާޅުވީ އެ ކަން ކުރެވޭނީ ބަޖެޓް ލިބިގެންކަމަށާއި ބަޖެޓް ލިބެންނެތް ނަމަ އެކަންނުކުރެވޭނެ ކަމަށެވެ. ހަބީން ވެސް ވިދާޅުވީ ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އިލެކްޝަންސް އިން ކުރާނެކަމަށެވެ.