ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ފޮށި ބަހައްޓާ އަދަދު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަނުން ބުނީ ރީ-ރަޖިސްޓްރީކުރުމުން ފޮށިތަކުގައި ރަޖިސްޓްރީވެފައިވާ އަދަދުތަކަށް އަންނަ ބަދަލާ އެކު ވޯޓު ފޮށިތައް އިތުރުވާނެ ކަމަށެވެ. އަދި ބައެއް ފޮށިތަކަށް ރަޖިސްޓްރީވެފައިވާ އަދަދު އިތުރުވެފައި ވާތީ ވޯޓު ފޮށިތަކުގެ އަދަދު އިތުރުވާނެ ކަމަށާއި، އިތުރުވާ ފައިނަލް އަދަދު އިއުލާންކުރެވޭނީ މިބުރުގައި ރީ-ރަޖިސްޓާ ކުރާ މީހުންގެ ލިސްޓު ފައިނަލް ކުރެވުމުން ކަމަށް ވަނީ ބުނެފައެވެ.
އިލެކްޝަނުން ބުނީ ބައެއް ސަބަބުތަކާ ހުރެ ވޯޓު ފޮށި ބަހައްޓާ ތަންތަން ބަދަލުވާނެ ކަމަށާއި ލިސްޓު ފައިނަލްކޮށް އެ މައުލޫމާތު ވެސް އާންމުކުރާނެ ކަމަށެވެ.
ކުރިން ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުން ނަމަވެސް، މި ފަހަރު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދަކީ 800 ކަމަށް އިލެކްޝަންސް އިން މައުލޫމާތުދެއެވެ. އަދި އެ ކޮމިޝަނުން ބުނީ ރީ-ރަޖިސްޓާކުރަން ދިން މުއްދަތުގައި ޖުމްލަ 50،047 ފޯމު ހުށަހަޅާފައިވާކަމަށާއި އަދި އެ ފޯމުތަކުގެ ތެރެއިން ސައްހަވީ ޖުމުލަ 38،763 ފޯމްކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންދާއިރު މީގެ ތެރޭއިން އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނޭ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.