އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަނީ ކޮންމެ މަހަކު 5،000ރ.އެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ އެމްޑީޕީން މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ބޮޑުކޮށްދިނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެެއިނުގައި އުޅުއްވަނިކޮށް މިހާރު ރުފިޔާއިން ދެކޮޅުނުޖެހޭ ކަމަށް ބުނެ މީހުންގެ ފަރާތުން އައި ހުށަހެޅުމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ރިޓަޔަމެންޓް އޭޖް 65 އަހަރުން 70 އަހަރަށް ބަދަލުކުރާނެ ކަމަށްވެސްވިދާޅުވެފައެވެ.
ދޮށީ އުމުރުގެ މީހުންނަށް މާލީ އެހީ ދޭ މިންވަރާއި މާލީ އެހީ (ޕެންޝަން) ދިނުމުގެ ނިޒާމު މުރާޖައާކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ.