ރާއްޖޭގެ ވެރިކަންކުރާ ނިޒާމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް މާ ކުރިންވެސް އޮތީ އެއްބަސްވެވިފައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕޭނުގައި މާލޭގައި ދޮރުންދޮރަށް ހިންގެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނިޒާމީ ޑިމޮކްރެޓުން، އެމްޑީޕީން ވަކިވުމުގެ ކުރިން އެމްޑީޕީގެ ތެރޭގައި އެކަމާއި ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ނިޒާމީ ވޯޓާ ގުޅޭ ގަރާރު އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެކަން ކުރިއަށް ގެންދަން އީސީގައި ދަންނަވާނެ ކަމަށެވެ. ޑިމޮކްރެޓުން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު މިހާރު އެމްޑީޕީއާ އެކު ނުކުމެ މަސައްކަތް ކުރަން އެބަ ތިބި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ގާތްގަނޑަކަށް އެންމެންގެ ތާއީދު ވެސް މިހާރު ލިބެމުން އަންނަ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ރައީސަަށް ތާއީދުކުރާކަން މިހާރު ވެސް އިއުލާނުކޮށްފައި ވާއިރު އެމަނިކުފާނު ވިދާޅުވީ ޖޭޕީގެ ކައުންސިލްގެ ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނުގެ ކެމްޕޭނާ ގުޅެން މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ކަަމަށެވެ.