ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހު 30ގެ ކުރިން ޖަވާބު ބޭނުންވާ ކަންކަން ހުރި ކަމަށް ބުނެ، އެ ކަންކަން ސާފުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވުމާއެކު އެކޮމިޝަނުން ވަނީ އެ ޤަރާރާއި ގުޅޭގޮތުން ޤާނޫނީ ލަފާ ހޯދާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު އެކްސްގައި ވިދާޅުވީ ގާނޫނީ ލަފައަށް ފަހު، އެ ފަދަ ވޯޓެއް ނެގުމުގެ ކުރިން ޖަވާބު ބޭނުންވާ ކަންކަން ހުރުމުން، އެ ކަންކަން ސާފުކުރުމަށް މަޖިލީހުގެ އިދާރާގައި މިހާރު އެދިފައިވާ ކަމަށެވެ. ނަމަވެސް، އެ ކަންކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މިހާރު ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލާމާނީ ނިޒާމެއްތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މި ޤަރާރު ބުދަ ދުވަހުގެ ޖަލްސާއިން ފާސްކުރެއްވީ ޖަލްސާއަށް ޙާޒިރުވެތިއްބެވި 39 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ ވޯޓުންނެވެ.