ވަރިވާން ދިޔަ ދެ އަންހެނަކަށް ގުޅި މައްސަލާގައި ވަކިކުރަން ނިންމާފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު އަލީ އާދަމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް އަދި އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ޖޭއެސްސީން ބުނީ ޢަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ނިންމީ އޭނާއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ އިތުރު އެހެން މައްސަލައަކާ ގުޅިގެން، ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަލީ އާދަމް ވަނީ އެ އަންހެން މީހާއާ ޝަރީއަތުން ބޭރުން މުއާމަލާތުކޮށް ރަހުމަތްތެރިކަން ބާއްވަން އެދި އަދި ކުރާ މެސެޖުތައް ޑިލީޓުކުރަން އެދިފަ އެވެ. އަދި އެ އަންހެން މީހާގެ ކިބައިން އަނބިފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، އެތަކެއް ޒާތީ މެސެޖެއް ކޮށްފައިވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އަދި އޭނާ ވަނީ ނުނިޔަތެއްގައި، ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކޮށްފައި ކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.