ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އިލްހާމް އެކްސްގައި ވިދާޅުވީ، މި ވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުކުރަން އެންމެ ރަނގަޅީ ރައީސް ސޯލިހު ކަމުން، އެމަނިކުފާނަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ރައީސްކަމުގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސް، ރައީސް ސޯލިހު ކަމަށް ފެންނާތީ، އެމަނިކުފާނަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.
އިލްހާމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސަށް ތާއިދުކުރަން ނިންމަވާފައެވެ.