ރިޔާޒް ރަޝީދު ރައީސް އިބޫ އާއި އެކު

ޖުމްހޫރީ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރިޔާޒް ރައީސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރިޔާޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދު ކުރައްވާ ރިޔާޒް ވަނީ ރޭ ރައީސް އާއި ބައްދަލުކުރައްވާފައެވެ. ރިޔާޒްގެ އިތުރުން ޖޭޕީގެ ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ މެންބަރަކުވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވާ އެމަނިކުފާނާއި ބައްދަލު ކުރައްވާފައެވެ.

ޖޭޕީގެ ބައެއް އާންމު މެންބަރުންވެސް އަންނަނީ ރައީސް ސޯލިހަށް އިންތިހާބުގެ ދެ ވަނަ ބުރުގައި ތާއީދު ކުރައްވާނެ ކަން ސޯޝަލް މީޑިއާގައި ހާމަކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އެމްޑީޕީގެ އުފާވެރި އަމާން ރާއްޖެ ކެމްޕޭނާއި ގުޅިވަޑައިގެންފައިވާއިރު، ޖޭޕީގެ ކައުންސިލުން ނިންމާފައިވާ ގޮތަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ނިންމަވާފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއި ނުގުޅުމަށެވެ. އެހެންނަމަވެސް ޕާޓީގެ ނަން ބޭނުން ނުކުރައްވާ އާންމު މެންބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބޭނުން ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ހައްގުން މެންބަރުން މަހްރޫމު ނުކުރައްވާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގައި ޤާސިމްގެ އިންތިހާބީ އެޖެންޓްގެ މަގާމު އަދާ ކުރެއްވި، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ކުރީގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) ވަނީ އިއްޔެ ޖޭޕީން ވަކިވެވަޑައިގެންފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ވަޑައިގަންނަވާނީ ރައީސް ސޯލިހުގެ ފަޅިއަށެވެ. އަދި މި ހަފްތާގެ ކުރީކޮޅު ޖޭޕީގެ ސެކެއްޓްރީ ޖެނެރަލް އަލީ އާރިފްވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *