ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް 19 މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ދޫކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ދެވަނަ ބުރަށް 25 މިލިއަން ރުފިޔާ ހޯދަން އެދުނު ނަމަވެސް ފިނޭންސުން ދޫކޮށްފައިވަނީ 19 މިލިއަން ރުފިޔާ ކަމަށާއި އެ އަދަދުން އިންތިހާބުގެ ކަންކަން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ފިނޭންސް އިން ވަނީ ރިޔާސީ އިންތިހާބުގެ ބަޖެޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް 90 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ ބަޖެޓުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށްފަހު ކޮމިޝަނުން ވަނީ ދެވަނަ ބުރަށް ބޭނުންވާ ފައިސާ ނެތުމުން 25 މިލިއަން ރުފިޔާގެ ބަޖެޓަކަށް ފިނޭންސުގައި އެދިފައެވެ.
ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިލެކްޝަންސް ކޮމިޝަނުން ދެވަނަ ބުރަށް އަލުން ވޯޓު ކަރުދާސް ޗާޕް ކުރަން ޖެހެއެވެ. އަދި އޮފިޝަލުންނާއި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނަށްވެސް އެލަވަންސުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ހަރަދުވާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،803 (ދެލައްކަ އަށްޑިހަ ދެހާސް އަށް ސަތޭކަ ތިނެއް) މީހުންނެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 30 އާއި ހަމައަށް އަލަށް 18 އަށާރަ އަހަރު ފުރޭ 408 ޒުވާނުންވެސް ހިމެނެއެވެ.