"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި, އެންމެ އަވަހަށްވެސް އެ ލިސްޓު އާންމުކުރެވޭ ވަރު ވާނީ އަންނަ ހަފުތާގައި ކަމަށް ހައުސިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
މި މަހުގެ އަށް ވަނަ ދުވަނު ސަރުކާރުން ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދާއި ހަމައަށް ހައުސިންގ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
އަކްރަމް މިއަދު ވިދާޅުވީ ދާއިމީ ލިސްޓުގެ އިވެލުއޭޝަން މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް އެ ލިސްޓު އާންމު ކުރުމަށް ކަމަށެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުމާލެ ފޭސް ދޭއްގައި 4,000 ފްލެޓް ހަދަމުން އަންނައިރު, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއެވެ. އޭގެތެރެއިން ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެއްވާނެ ކަމަށެވެ.