މާލެއަށް ހިޖުރަކޮށް މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ މީހުންނަށް ހައުސިން ސްކީމެއް ތައާރަފް ކުރަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ލިބޭ އާމްދަނީން ހަމަޖެހިގެން އެޅެވެން ނެތުން ކަމަށެވެ.
މިހާރު ސަރުކާރުން ހިންގާ ބިންވެރިޔާގެ ސްކީމުން މާލެ ރައްޔިތުންނަށް ގޯތި ދީފައިވާ އިރު ފްލެޓަށް އެދި ހުށަހެޅި 16،923 މީހުންނަށް ވެސް ފްލެޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކި ސަބަބުތަކާއި ގުޅިގެން މާލެއަށް ހިޖުރަކުރަން ޖެހިފައިވާ އެތައް ބަޔަކު ވަރަށް ދަތީގައި މާލޭގައި ދިރިއުޅެމުންދާ ކަމަށެވެ.
މާލޭގައި ދިރިއުޅޭތީ ރަށުން ވެސް އެ މީހުންނަށް ގޯތި ނުލިބޭ ކަމަށާ މާލޭގައި ވެސް ދިރިއުޅެން ޖެހިފައިވަނީ ބޮޑު ކުލީގައި ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވެސް މާލޭގައި ދިރިއުޅޭތާ 50 އަހަރު ވާން ކައިރިވެފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މާލޭގައި ގިނަ ދުވަހު އުޅެފައިވާ މީހުން ގޮތްތަކެއް ހޯދާ ދިނުމަށް ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
އޭގެތެރެއިން މާލޭގައި ދިރިއުޅޭ، ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށްވުރެ ގިނަ ދުވަހު ތިބި މީހުންނާ، އަދި މާލެއަށް 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެނަށް އިރާދަކުރެއްވިއްޔާ އެ ހައުސިންގ ސްކީމްގެތެރެއިން ފްލެޓާ ގޯތި ދޫކޮށްލަދޭނަން"
އެކަމުގެ ސިޔާސަތުތައް މިހަރު ވަނީ ކަނޑައަޅާފަ ކަމަށާ ދެން އޮތީ ފައިނަލްކޮށް އެކަން އިއުލާންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާ މާލެއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމުގެ ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.