ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ހުޓުވުމުގައި އެމަނިކްފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދާއި އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާ ގަޑި ހަމަވިއިރުވެސް މަޖިލީހުގެ ކޯރަމް ހަމަނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކަމަކީ ރައީސް ސޯލިހުގެ ބައިވެރިވުމާއެކު ހިނގާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރަން ދަންނަވަން، ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅުމައްޗަށް ނަންނަގަވައި ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް."
އެކަމާ ގުޅިގެން މިއަދު ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަހު އުޅުއްވާފައިވާ ކަމަށާއި، މަޖިލީހުގައި ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކުގެ ދެމެދަށް އެމަނިކުފާނު ވަދެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ސާލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއްކަމާއި އެމަނިކުފާނަކީވެސް މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއްކަމުން އެކަންކަން ހިނގަންޖެހޭ ގޮތް ރަނގަޅަށް ދެނެވަޑައިގަންނަވާކަމަށެވެ.
އެއީ މުޅީން ދޮގު ވާހަކައެއް. އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން,"