އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ދަ ޑިމޮކްރެޓްސް އިން މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައިވާ ގޮތަށް ކުރިއަށް ދެވިދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މީގެކުރިން ވެސް ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދިއުމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގައި ހުންނެވިއިރު ދެންނެވިން ކަމަށެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ފާސްކޮށް ތަސްދީގުކުރުމަށް އެމަނިކުފާނަށް ފޮނުވަން ޖެހޭ ކަމަށާއި، އެ ގަރާރު ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށެވެ.
"އަޅުގަނޑު އޭތި ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ.. އެހެންވީމާ އެ ޕްރޮސެސް އެހެން އައިމާ އަޅުގަނޑު އެކަން ކުރާނަން,"
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުންނެވެ. އެއަށްފަހު އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ އިއްތިފާގުންނެވެ.