ތެލަސީމިއާ ސެންޓަރަކާއި ބްލަޑް ސާވިސްގެ އައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރަަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސް މީހަކު ބޭރަށް ފޮނުވަން ނިންމާ, އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އައު އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ސެންޓަރު ޤާއިމުވެގެންދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.މީީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ޚިދުމަތް ޤާއިމުކޮށް، އެޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.