މިދިޔަ މޭ މަހު އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ބާޖަކާއި ޓަގެއް ހއ. ދިއްދޫ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި އެ އުޅަނދުތަކުގެ ވެރި ފަރާތް އެޗްއާރްއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މެއި މަހުގެ 2 ވަނަ ދުވަހު ފަރަށް އަރާފައިވަނީ ދިއްދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ހިފައިގެން ދިޔަ “ޓީބީ މޫތާ ޕްރިންސަސް” ޓަގު ބޯޓާއި “މޫތާ ޕްރައިޑް” ބާޖެވެ.

އޭގެ އެއްދުވަސް ފަހުން ބާޖު ފުން ކުރެވުނު ނަމަވެސް ޓަގު ބޯޓު ފުން ކުރެވުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ އެ އުޅަނދުތައް ފުންކޮށް ނިމުމުން މެއިމަހުގެ 12 ވަނަ ދުވަހު އުޅަނދުތަކުގެ ވެރި ފަރާތުގެ ސާވޭޔަރަކާއި އެކު ސާވޭކޮށް ބެލި ބެލުމުން ދިއްދޫ ފަރުގެ 4038އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ އެ ފަރަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގަކީ 100.17 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާކަމުގައި ވާތީ އެޗްއާރްއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

އަދި އެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކު ކުރަން ޖެހޭ ކަންކަން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *