ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން ދަ ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެއްބަސްވުމަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑިއެއް ދިނުމަށްފަހު އެއްބަސް ނުވާނަމަ އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ފާސްކޮށްފިއެވެ.
ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލުގައި ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މި ގޮތަށް ފާސްކޮށްފައިވާއިރު އަދި އެމްޑީޕީ އާއި ޕީއެންސީ/ޕީޕީއެމް އިންވެސް ޑިމޮކްރެޓްސްގެ ހުށަހެޅުންތައް ބަލައިގަންނަ ކަމަށް ހާމަކޮށްފައެއް ނުވެއެވެ.
ސެޕްޓެމްބަރު 28 ގައި ނިޒާމީ ވޯޓެއް ނަގަން އެއްބަސްވުމަށް ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑިއެއް ދިނުމަށްފަހު، އެކަމަށް އެއްބަސް ނުވެވޭނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން ނިންމުމަށް ރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ އިންޓަރިމް ކައުންސިލް މެންބަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ.
ޝިފާޒުގެ މި ހުށަހެއްޅުއްވުމަށް ކައުންސިލްގައި ދޮޅުގަޑިއެއްހާއިރު މެންބަރުން ބަހުސް ކުރެއްވިއެވެ. އެއަށްފަހު އިންޓަރިމް ކައުންސިލްގެ 50 މެންބަރުންގެ ވޯޓާއި އެކު އެ ހުށަހެޅިން ފާސްކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްގެ ތާއީދު ހޯދުމަށް އެމްޑީޕީން ވަނީ އެ ޕާޓީއާއި އެކު މަޝްވަރާކޮށްފައެވެ.
އެމްޑީޕީއަށް ޑިމޮކްރެޓްސް އިން ހުށަހެޅީ 28 ސެޕްޓެމްބަރުގައި ބަރުލަމާނީ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ކުރިޔަށް ގެންދިއުމަށް އެއްބަސްވެ ސޮއި ކުރުމަށެވެ. ޕީޕީއެމް/ޕީއެންސީ އަށް ހުށަހެޅީ ނިޒާމުގެ ވޯޓު ނެގުމާއި އެކު ޑިމޮކްރެޓްސްއަށް ހިއްސާ ލިބޭ ގޮތަށް ސަރުކާރެއް އުފެއްދުމަށެވެ.