ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން މިރޭ ކުރިއަށްގެންދިޔަ ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ޖަލްސާއިން ފެންނަމުންދާ މަންޒަރުންވެސް ކަށަވަރުވަނީ ދެ ވަނަ ބުރު ބޮޑުތަނުން ކާމިޔާބުކުރެވޭނެ މަންޒަރުކަމަށެވެ. މީގެ ކުރިން ނުފެންނަ އެތައް މޫނެއް މި ޖަލްސާ އިން އެކަނިވެސް ފެނިގެން ގޮސްފި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މި ފެންނަނީ ހަޤީޤީ އެމްޑީޕީ ކަމަށެވެ. އެމްޑީޕީ އަކީ ހިއްވަރުގަދަ ޕާޓީއެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފައެވެ.

ފުރަތަމަ ބުރުގެ ކެންޕެއިން ޖުލައި 9 އިން ފެށިގެން 2 މަސްދުވަހު ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ވިސްނަވަންވީ އޭރުގައި ނުކުރެވި ހުރި ކަންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވަކި ވަކި ފަރާތްތަކާ ހަވާލުކުރެވިފައި ހުރި ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންކަމާއި ނުކުރެވި ހުރި ކަންކަން ބަލާ ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ ދެ ވަނަ ބުރަކަށް ދާން ޖެހުނީ ބައެއް ކަންކަން ނުވެ ހުރުމުގެ ސަބަބުން ކަމަށޭވެ. އެހެންކަމުން ވަކި ބައެއް އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެ މިހާރު ގެންދަން ބޭނުންވަނީ 2013 އިން 2018 އަށް އޮތް ބިރުވެރިކަމުގެ ތެރެއަށްތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި މަގުމަތިން އެތައް ޒުވާނުނެއް މަރައި، ނޫސްވެރިންގެ ގަލަމުގެ ދޯރި ބަންދުކޮށް، ސިޔާސީ ލީޑަރުން ޖަލައް ލެއްވިކަމާއި، ވިޔަފާރިވެރިން ހާލުގައި ގެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. މި ކަންކަމާ ރައްޔިތުން ވިސްނެވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާށީ އިންތިޚާބުގެ ފުރަތަމަ ބުރަކީ މިހާތަނަށް ރާއްޖެއިން އެންމެ މަދު މީހުން ވޯޓުލާން ނިކުތް ފަހަރުކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޯޓުލާން ނުނިކުންނަ ފަރާތްތަކަށް ވިސްނަދީ އެ މީހުން ވޯޓުލާން ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ އެ ފަރާތްތަކުން ވޯޓުލާން ނުނިކުންނަ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުގެ އަމާޒަކަށް ވާންވީ އެ ފަރާތްތަށް ވޯޓުލާން ނެރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިޚާބަށް 12 ދުވަހަށް ވެފައިވާ އިރު، މި އިންތިޚާބަށް ވޯޓުލާން ރީ-ރަޖިސްޓަރ ވި މީހުންގެ އަދަދު ނިސްބަތުން ގިނަވުމުގެ ސަބަބުން އިދިކޮޅުން ކަންބޮޑުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިދިކޮޅުން މިހާރު އެދެމުން ދަނީ ރީ-ރަޖިސްޓަރ ވި ފަރާތްތަކުގެ ލިސްޓް ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ހަމައެކަނި އަމާޒަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އަދި ރައްޔިތުންގެ ލޯ ލާއިރެއްގައިވެސް އެމަނިކުފާޏު ޖެހިވަޑައިނުގަންނަވާ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެހެން ކަމުން މި މަހުގެ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވިސްނުންތެރިކަމާއެކު ވޯޓު ލުމަށް ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *